ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސްޕޯޓް މިނިސްޓްރީން ކޮންމެ އަހަރު އެއްފަހަރު ބައްވާ ކުޅިވަރު އެވޯޑު ކެޓަގަރީއަށް ރައީސްގެ ދަރިކަލުން އުމައިރު ވަނީ ނޮމިނޭޓް ވެފަ އެވެ.
އެހެންވެ، ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުން އަންނިކޮށް، މަހުލޫފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެކެވެ. އަދި ޓީޓީ އިން ރަން ވަނަ ތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ އެހާމެ ހުނަރުވެރި ކުޅުންތެރިއެއް ވެސް މެ އެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ،" މަހުލޫފް ވިދާޅުވި އެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ އުމައިރު އަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ވެސް ހިމެނުނު އެތުލީޓެއް ކަމަށެވެ. އަދި ހަގީގަތް ނުބަލާ ކުދިންގެ މި ފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލަންޖެހޭ ކަމަށް ވެސް ކުރީގެ ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.


