ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ފައިދާ އާއި ގެއްލުން

ލިޔުނީ: މުހައްމަދު ހަލީމް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް، އެއްފަހަރާ ބޭއްވުމަކީ ވަރަށްގިނަ އެޑްވާންޓޭޖުތައް ހުރިކަމެކެވެ. މިގޮތުން، ހެޔޮވެރިކަމުގެ މަގު އަލިވެ، ހަރަދުބަރަދުގެ ގޮތުން ދައުލަތުގެ ބަޖެޓަށް ލިބިގެންދާ ލުއިތައް ހިމެނެއެވެ. ހަމަމިއާއެކު ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ސިޔާސީ ގޮތުންނާއި، ލޮޖިސްޓިކަލް ޗެލެންޖު ހުރިކަމެކެވެ.

އަސާސީ ފައިދާތައް.

ހަރަދު ކުޑަކުރުން: ދެ އިންތިހާބު އެއްފަހަރާ ބޭއްވުމުން ލޮޖިސްޓިކްސް، ސެކިއުރިޓީ، އަދި އިދާރީ މުވައްޒަފުންނަށް ސަރުކާރުތަކުން ކުރާ ބޮޑު ހަރަދު ކުޑަކުރެވިގެން ދެއެދެވެ. އެއީ ދައުލަތުގެ ހަޒާނާއަށް ލިބިގެންދާ ވަރަށް ބޮޑު ލުއިއެކެވެ. މިގޮތުން، ލަފާކުރެވޭ ގޮތުގައި 80–120 މިލިއަން ރުފިޔާ ދެ އިންތިހާބު އެކުގައި ބޭއއްވުމުން ދައުލަތުގެ ބަޖެޓުން ސަލާމަތް ވެގެން ދެއެވެ.

ތަރައްގީއަށް ހުރަސް އެޅުން: ގިނަގިނައިން އިންތިހާބުތައް އޮތުމަކީ ތަރައްގީ މަޑުޖެހިގެންދާ ކަމެކެވެ. މިސާލަކަށް؛ މޮޑެލް ކޯޑް އޮފް ކޮންޑަކްޓް (އެމްސީސީ) އެއް އެކުލަވާލެވިފައި އޮންނަ ހާލަތުގައި، އިންތިހާބުތަކާއި ކައިރިވުމުން ސަރުކާރުން ތަރައްގީގެ އާ މަޝްރޫއުތައް ފެށުމަށް ނުވަތަ ސިޔާސަތުތައް އިއުލާން ކުރުމަށް ހުރަސް އެޅެ އެވެ. އެހެންކަމުން، ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ތަރައްގީއަށް ފޯކަސްކޮސްގެން ވެރިކަން ހިންގުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާ ކަމެކެވެ.

އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވުން: އަބަދާ އަބަދު ވޯޓުލާން ޖެހުމަކީ، ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ކަމެކެވެ. އޭގެ ތެރޭގައި އިރުއިރުކޮޅާއި ގޮސް އިންތިހާބީ ކިޔުގައި ތިބެންޖެހުމާއި، ސިޔާސީގޮތުން ކުރިމަތިވާ ފިއްތުންތަކާއި، ގޮންޖެހުންތައް ހިމެނެއެވެ. ވުމާއެކު، ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ވޯޓުލާ މީހުންނަށް ލިބިގެންދާ ލުއިއެކެވެ. އަދި މި ލުއިގެ ސަބަބުން ވޯޓުލާން ނިކުންނަ މީހުން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާސިލު ކުރުމަށް މަގުފަހިވެގެން ދެއެވެ.

ޕޮލިޓިކަލް އެންޑް ޕޮލިސީ ސުޓެބިލިޓީ: ސިޔާސީ އަދި ސިޔާސަތުގެ ހަމަޖެހުމަކީ ހެޔޮވެރިކަމެއް ހިންގުމަށް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ސަރުކާރު ހިންގާ ބާރު (އެގްޒެކެޓިވް) އާއި ރައްޔިތުންގެ މަޖިލިސް (ލެޖިސްލޭޓިވް) އާއި ދެމެދު އޮންނަ ސިޔާސީ ނުތަނަވަސްކަން ކުޑަކޮށް، މަރުތަޅު އެޅުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މީގެ ނަތީޖާއަކަށް ވާނީ ސިޔާސީ ހަމަޖެހުން ގާއިމުވެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވެގެން ދިޔުމެވެ.

ކައުންޓާއާގިއުމެންޓްސް އެންޑު ކޮންޓެކްސްޓް.ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ފައިދާއަކީ ހެޔޮވެރިކަން ކުރުމުގެ ދޮރުތައް ހުޅުވި، ތަރައްގީގެ މަޝްރޫއުތައް ހަލުވިވެގެން ދިޔުންކަމުގައިވިޔަސް، ދެ އިންތިހާބު އެކުގައި ބޭއްވުމަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެއްފަހަރާ އިންތިހާބު ބާއްވައިގެން؛ ޖަވާބުދާރީވުން މަދުވުން: އެއް ފަހަރާ ދެ އިންތިހާބު ބޭއްވުމަކީ ސަރުކާރު ހިންގާ ފަރާތަށް އިންތިހާބުތަކުގެ ޕުރެޝަރު ކުޑަކުރެވޭ ކަމެކެވެ. އޭގެ ސަބަބުން ދައުރުގެ މެދުތެރެއިން ނުވަތަ 'މިޑް ޓާމް' އިލެކްުޝަނެއް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި، ރިޔާސީ އިންތިހާބާއި، މަޖިލީހުގެ އިންތިހާބާއި ދެމެދު ގާތްގަޑަކަށް އޮންނަނީ ހައެއްކަ މަސްދުވަސްކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިޑު ޓާމް އިލެކްޝަނެކޭ ބުނުމުގެ ފުރުސަތެއް ނޯވެއެވެ. އަދި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 2013 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ފާޓީއަކުން ތަފާތު ސަބަބުތައް މެދުވެރިކޮށް، މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ދަނީ ނަގަމުންނެވެ.

ކުރިއޭޓު 'ކޯޓެއިލް އިފެކްޓުސް': ރިޔާސީ އިންތިހާބުގައި ވާދަކުރާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުފަދަ ރައްޔިތުންގެ މަގުބޫލު ކެނޑިޑޭޓެއްގެސަބަބުން ނުވަތަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ފަސްޓްލޭޑީ މެޑަމްފަދަ ހަރުދަނާ ޝަހުސިއްޔަތެއްގެ ސަބަބުން މަޖިލީހުގެ އިންތިހާބު ރައީސް މުއިއްޒުގެ ޕާޓީން ކާމިޔާބު ކުރުމުގެ ތަނަވަސް ވެގެން ދެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮޑިތައް ބެލެންސް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ދެ އިންތިހާބު ވަކިން އޮތް ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ތަޖުރިބާއަކީ މިހާރުވެސް މިއީއެވެ.ދެ އިންތިހާބު އެކުގައި ބޭއްވުމުން ލިބޭނެ ގެއްލުމާއި ފައިދާ ވަޒަންކޮށް، އަޅާކިޔުމުން ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އެކަމުގެ ސަބަބުން ހެޔޮވެރިކަން ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށާއި، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި ގެއްލުމަށްވުރެ ފައިދާ ބޮޑު ނަމަ އެގޮތުގައި ހިފުމަކީ ދީނީ އަދި ދުނިޔެވީގޮތުން ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *