ލިޔުނީ: މުހައްމަދު ހަލީމް
އާންމު އިންތިހާއި، ބައި އިލެކްޝަނާއި، ލޯކަލް ކައުންސިލް އިންތިހާބަކީ ހިނގަމުންދާ ދައުރުގެ މެދުގައި ބާއްވާ މިޑުޓާމް އިލެކްޝަނަށް ނިސްބަތްވާ އިންތިހާބެވެ. މި ގޮތުން ބާއްވާ އިންތިހާބު ތަކުގައި އެމެރިކާފަދަ ގައުމުތަކުގައި ރައްޔިތުން އެމީހުންގެ މަންދޫބުންނާއި ސަބްނޭޝަނަލް އޮފީސް ހޯލްޑަރުން، މިސާލަކަށް؛ ގަވަރުނަރުން، މޭޔަރުން، ލޯކަލްކައުންސިލް މެންބަރުން، ސްކޫލު ބޯޑު، ހެލްތު ބޯޑަށް މެންބަރުން އައްޔަނު ކުރެއެވެ.
އާއްމު ގޮތެއްގައި 'މެދު އިންތިހާބު' ނުވަތަ 'މިޑުޓާމް އިލެކްޝަން' ކިޔަނީ ދައުލަތުގެ އިދާރާއަކަށް، ހާއްސަކޮށް ގާނޫނޫ ހަދާ މަޖިލީހަށް އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު އެއްފަހަރާ އިންތިހާބު ނުކުރާ ގޮތަށް އިންތިހާބުތައް ތަރުތީބު ކޮށްފައި އޮންނަ އޮތުމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އެކުލެވިގެންވަނީ ދެގޭގެ މައްޗަށެވެ. އެއީ، ސެނެޓް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ކޮންގްރެސް) އެވެ. މިގޮތުން، ކޮންމެ ހަތަރު އަހަރުން އެއްއަހަރު ނޮވެމްބަރުމަހު އޮންނަ ރިޔާސީ އިންތިހާބުގައި ދެ އަހަރުގެ ދައުރަކަށް 435 ޑިސްޓުރިކްޓުއަކުން 435 މެންބަރުން ކޮންގްރެސް އަށް އައްޔަނު ކުރެއެވެ. އަދި ސެނަޓަށް މެންބަރުން އައްޔަނު ކުރަނީ ހަ އަހަރު ދުވަހުގެ ދައުރަކަށެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބު ނުވަތަ މިޑުޓާމް އިލެކްޝަންގައި ސެނެޓުގެ ތިންބައިކުޅަ އެއްބައި މެމްބަރުން މެންބަރުން އިންތިހާބު ކުރެއެވެ. އަދި މަޖިލީހުގެ ހުރިހާ ގޮޑިއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެމެރިކާގައި ފެޑެރަލް ލެޖިސްލޭޓިވް ބޮޑީތަކުގެ އިތުރުން 36 ސްޓޭޓަކާއި ތިން ޓެރިޓަރީއެއްގެ ގަވަރުނަރުން ވެސް އިންތިހާބު ކުރަނީ މިޑުޓާމު އިލެކްޝަންގައެވެ. ފިލިޕީންސް އާއި ލައިބީރިއާގައި ވެސް މިޑުޓާމް އިލެކްޝަން ބާއްވައެވެ.
ޕިލިޕީންސްގެ ގާނޫނު ހަދާ މަޖިލިސް އެކުލެވިގެންވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ދަށުގެ) އާއި ސެނެޓު (މަތިގެ) ގެ މައްޗަށެވެ. މި ގޮތުން، ދަށުގެއަށް މެންބަރުން އިންތިހާބުކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަދި އެކަކަށް ގިނަވެގެން މެންބަރުކަން ކުރެވޭނީ ތިން އަހަރުގެ ތިން ދައުރެވެ. އަދި ތިންސަތޭކަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ދަށުގެއަށް އިންތިހާބުކުރާ މެންބަރުންގެ ވިހި އިންސައްތައަކީ ޕާޓީ ލިސްޓް ރެޕްރެޒެންޓޭޓިވްސް އެވެ. ޕިލިޕީންސްގެ ސެނެޓު ނުވަތަ މަތިގެ އެކުލެވިގެންވަނީ ސައުއްވީސް މެންބަރުންގެ މައްޗަށެވެ. މި 24 މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެންބަރުން އިންތިހާބު ކުރަނީ މިޑުޓާމް އިލެކްޝަނެއްގައެވެ.
މަތިގޭގެ މެންބަރެއްގެ ދައުރަކީ ހަ އަހަރެވެ. އަދި އެކަކަށް ސެނެޓުގެ މެންބަރުކަން ކުރެވޭނީ ހަ އަހަރުގެ ދެ ދައުރުއެވެ. ލައިބީރިޔާގައިވެސް އޮންނަނީ އެމެރިކާގައި އޮންނަ ފަދަ ބައިކެމެރަލް ލެޖިސްލޭޓިވް ނިޒާމެކެވެ. މި ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އެކުލެވިގެންވަނީ ފަނަރަ ކައުންޓީން ކޮންމެ ކައުންޓީއަކުން މަދުވެގެން އައްޔަނުކުރާ ދެމެންބަރުންނާއި، އާބާދީއަށް ބަލާ އިންތިހާބުކުރާ މެންބަރުންނާއި، މަޖިލީހުގެ ރައީސާއެކު 73 މެންބަރުންގެ މައްޗަށެވެ. އަދި މަތިގެ ނުވަތަ ސެނެޓު އެކުލެވިގެންވަނީ ފަނަރަ ކައުންޓީން، ކޮންމެ ކައުންޓީއަކުން އައްޔަނުކުރާ ދެ މެންބަރުންނާއެކު 30 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން މަތިގެއަށް އައްޔަނުކުރާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކު އައްޔަނުކުރަނީ ދައުރުގެ މެދުތެރެއިން ނުވަތަ މިޑުޓާމް އިލެކްޝަނަކުންނެވެ. މިގޮތުން ބާއްވާ އިންތިހާބު އޮންނަނީ ތިން އަހަރުގެ ފަރަގެއްގައެވެ. ދެން އިންތިހާބު ބާއްވަނީ ހަ އަހަރު ފަހުންނެވެ. ތިރިގެއަށް މެންބަރުން އައްޔަނު ކުރެވެނީ ހަ އަހަރުގެ ދައުރަކަށެވެ. އަދި މަތިގޭގެ މެންބަރުންގެ ދައުރަކީ ނުވަ އަހަރު ދުވަހެވެ. ލައިބީރިއާގައި ރިޔާސީ އިންތިހާބާއި ދަށުގެއަށް މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އޮންނަނީ އެކު އެކީގައެވެ.
ޖަޕާނުގެ ގާނޫނު ހަދާ މަޖިލިސް 'ކޮއްކައި' އެކުލެވިގެންވަނީ 465 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް 'ޝޫގިން' (ތިރިގެ) އާއި، 248 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ހައުސްއޮފް ކައުންސިލާސް 'ސަންގިން' (މަތިގެ) އާއި ދެގޭގެ މައްޗަށެވެ. މީގެތެރެއިން ހަތަރު އަހަރު ދުވަހުގެ ޓާމަކަށް ދަށުގޭގެ މެންބަރުން އައްޔަނު ކުރަނީ ޕެރެލަލް ސިސްޓަމެއްގެ ދަށުން ކޮންމެ ދާއިރާއަކުން އިންތިހާބުކުރާ އެކަކުގެމަގުން އިންތިހާބު ކުރާ 289 މެންބަރުން (ޕުލޫރަލިޓީ ވޯޓު)، 11 ސަރައްދުގެ ރީޖަނަލް ޕްރޮޕޯޝަލް ރެޕްރެޒެންޓޭޝަން ބުލޮކު އިން އައްޔަނުކުރާ 176 މެންބަރުންގެ މައްޗަށެވެ. ޖަޕާނުގެ ތިރިގޭގެ ދައުރެއްގެ ދިގުމިނަކީ ހަތަރު އަހަރެވެ. އަދި މަތިގޭގެ އުމުރަކީ ހަ އަހަރު ދުވަހެވެ. ޖަޕާނުގެ މަތިގޭގައި ހިމެނޭ 248 މެންބަރުންގެ ތެރެއިން 124 މެންބަރުން ހޮވަނީ މިޑުޓާމު އިލެކްޝަނެއްގައި ކޮންމެ ތިން އަހަރަކުން އެއްއަހަރުއެވެ.
ސައިޕްރަސްއަކީ 'ރިޔާސީ ތަމްސީލީ ޖުމްހޫރިއްޔާ' (Presidential Representative Republic) އެކެވެ. މި ގައުމުގެ ރިޔާސީ އިންތިހާބު އޮންނަނީ ކޮންމެ ފަސްއަހަރަކުން އެއްއަހަރުއެވެ. އަދި އަށްޑިހަ ގޮޑީގެ މައްޗަށް އެކުލެވިގެންވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮންނަނީ ކޮންމެ ރިޔާސީ ދައުރެއްގެ މެދުތެރެއިންނެވެ. މި މިޑުޓާމް އިލެކްޝަންގައި ނުވަތަ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ އަށްޑިހަ ގޮޑިއަށް މެންބަރުން އިންތިހާބު ކުރެއެވެ. މި އަށްޑިހަ ގޮޑި އެކުލެވިގެންވަނީ ގްރީކު ސައިޕްރަސް ރައްޔިތުންނަށް ހާއްސަކޮށްފައިވާ 56 ގޮޑިއާއި، ތުރުކީ ސައިޕްރަސް ކޮމިޔުނިޓީއަށް ހާއްސަކޮށްފައިވާ 24 ގޮޑީގެ މައްޗަށެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ 'މެދު އިންތިހާބު' ނުވަތަ މިޑުޓާމް އިލެކްޝަނަކީ މަގުބޫލުކަން ވަޒަންކުރާ ސަމުގާކަމުގައި ވިޔަސް މިފަހުން އެމެރިކާގައި ބޭއްވުނު މިޑުޓާމް އިލެކްޝަންތައް ގިނަ ފަހަރަށް ކާމިޔާޞު ކޮށްފައިވަނީ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓުންނެވެ.
ބަރުލަމާނީ ވެރިކަމުގެ ނިޒާމު އާންމުވެފައިވާ ޔޫރަޕްގެ ގައުމުތަކުގައި މިޑުޓާމް އިލެކްޝަނަކީ މާ މުހިންމު ސަމާލުކަމެއް ދީފައިވާ އިންތިހާބެއް ނޫނެވެ. އަދި ހަރުކަށި މާނައިގައި އުފެދިފައިވާ ފިކުރެއްވެސް ނޫނެވެ. ނަމަވެސް، ގިނަ ފަހަރަށް ލޯކަލް ކައުންސިލް، ރީޖަނަލް، އަދި ޔޫރަޕިއަން ޕާލަމެންޓްރީ އިންތިޚާބުތަކަކީ ވެރިކަންކުރާ ޕާޓީގެ މަގުބޫލުކަން ހުރި މިންވަރު ބެލެވިދާނެ ނުސީދާ ޕްރޮކްސީ އެކޭ ބުނެވިދާނެއެވެ. މިއީ، ގައުމީ ޕާލަމެންޓްރީ ނުވަތަ ރިޔާސީ އިންތިހާބާ ދެމެދުގެ ސީދާ މެދުތެރޭގައި ބާއްވާ އިންތިހާބެއް ނޫނެވެ.


