ފަނޑިޔާރުން ބަޔާން ނެރެ ޖަވާބު ދާރީ ވުމަކީ ހުތުރު އަމަލެއް: ޕީޖީ މުހްތާޒް

ޤާނޫނުގައި ބުނާ ގޮތުން ނަމަ ފަނޑިޔާރުން ޖަވާބުދާރީ ވާން ޖެހޭނީ ގަދަރުވެރިކަމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަލްއުސްތާޛް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނާރ މުހުތާޒު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލާގައި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނެ ބަޔާންތަކެއް ނެރެމުންދާތީއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުހުތާޒު ވިދާޅުވީ ފަނޑިޔާރުގޭގެ މަގާމުތަކުގައި ތިބެ، ސިޔާސީ ގޮތުން ބަޔާންތައް ނެރެ ރައްދު ދިނުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑިގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މުހުތާޒު ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްވުންވެސް އުފެދިގެން ދާނެކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރުމާއި ގުޅިގެން ސިޢޫދާއި އަޒްމިރަލްދާ ވަނީ ބަޔާން ނެރެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަޒްމިރަލްދާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *