ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މި ފަހުން އިމާމުކަން ކުރައްވާތީ އެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ޓެގް ކުރައްވައި އޭނަ ވަނީ އަބްދުއްރަޙީމުން ފަދަ އަނގަ ހަޑި، ދީނީ ތަޢުލީމެއް ނެތް މީހުން އީދު ފަދަ ދުވަސްތަކުގައި އިމާމުންނަށް ހަދަނީ އިމާމުވެ ނަމާދުކުރާ އިރު ބަލަން ޖެހޭ މިންގަނޑެއް ވެސް ނެތުމުންތޯ އައްސަވައިފަ އެވެ.
"މިއަދު އަދުރޭ މާދަމާ، ބާރަށު ޝުޖާޢު، ފަލާޙު އިމާމުކަން ކުރީމަ ސާބިތުކޮށްދޭން މިއުޅެނީ ކޯއްޗެއްތޯ؟" ޖަމީލު ވިދާޅުވި އެވެ. "އެއީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، ޝެއިޚު ރަޝީދުމެން ފެންވަރުގެ ބޭފުޅުންނަށް ވީތޯ؟ ނޫނީ ޙަގީގަތުގައި ވެސް ދީނާ ގުރުއާނު ކިޔަވައިގެން ތިބި ބަޔަކަށްވީތޯ؟"
ޖަމީލު ވަނީ އިލްމެއް ނެތް މީސްމީހުންނާ ދީނީ ކަންކަން ކުރަން ހަވާލު ކުރުމަކީ ގިޔާމަތުގެ ޢަލާމަތް ނޫންތޯ ވެސް އައްސަވައިފަ އެވެ.
"ޢިލްމު ގެއްލި ޖާހިލުންނާ ހުރިހާކަމެއް ޙަވާލުވުން. މިފަދަ ވިޔާނުދާ ކަންތަކުގެ ޒިންމާ ޑރ. ޝަހީމު، ޑރ. އަލީ ޒާހިރު، ޝެއިޚު ލަތީފުމެން ފަދަ މި ސަރުކާރުގެ ދީނީ ބޭފުޅުން އުފުލަން ޖެހޭ!" އޭނަ ވިދާޅުވި އެވެ. "ލަދުވެތި ކަމެއް ނެތް. ތިމާމެންގެ ޢަގީދާއަށް ވެސް އިޙްތިރާމެއް ނެތް!"
ޖަމީލަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އަބްދުއްރަހީމްގެ ތައުލީމީ ފެންވަރާ މެދު ވަރަށް ގިނައިން ވާހަކަ ދައްކަވައި މަލާމާތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.


