ރާއްޖޭގައި މިވަގުތު 200 އަށްވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބި ތިބިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 3-4 އަހަރު ތެރޭގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ޕައިލެޓް ތަމްރީނުގެ ފުރުސަތު ދީފައިވެ އެވެ. ނަމަވެސް ރާއްޖޭގެ އެއަރލައިންތަކަށް އަހަރަކު އިންޑަކްޓް ކުރެވެނީ 25 ޕައިލެޓުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
"ކެޑެޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ޕައިލެޓް ތަމްރީނު ހަދައިގެން އައިސް އެހެން ޤައުމެއްގައި ވަޒީފާ ލިބިފައި އޮތް ތަނެއް އަޅުގަނޑު މި އޭވިއޭޝަން އިންޑަސްޓްރީގެ ހަޔާތުގައި ނުދެކެން،" މިނިސްޓަރ ވިދާޅުވި އެވެ.
މިއީ ވޭތުވެދިޔަ ސަރުކާރުން ސިޔާސީ ބޭނުމަށް ޕައިލެޓް ތަމްރީނުގެ ފުރުސަތުތައް ދިނުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، ޕައިލެޓުންގެ ވަޒީފާ ލިބެނީ ވަކި މިންވަރެއްގެ ތަޖުރިބާ ހޯދުމަށްފަހުގަ އެވެ. އަދި ފްލައިންގ ސްކޫލުން ލައިސަންސް ހޯދުމަކީ ހަމައެކަނި ކެޑެޓް ޕައިލެޓެއްގެ ފެންވަރު ކަމަށާއި، އެ ފެންވަރުގައި އެއްވެސް އެއަރލައިނެއް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ސަރުކާރުގެ ޒިންމާއަކީ ވަޒީފާގެ ފުރުސަތުތަކާ އެއްގޮތަށް ސްކޮލަރޝިޕް ސްކީމްތައް ރޭވުން ކަމަށް މިނިސްޓަރ އަމީން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.


