ޑީއާރްޕީގެ ދަރަންޏަށް މައުމޫން ޒިންމާ ކުރުވަން އެމްޓީސީސީން ކުރި ދައުވާ އަނބުރާ ގެންގޮސްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން އެމަނިކުފާނާ ދެކޮޅަށް ކުރި ދައުވާގެ މައްސަލަ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.

ޑީއާރުޕީން 2007 ވަނަ އަހަރު ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ. އެމްޓީސީސީން ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ކުންފުނިން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަަމަށް ބުނެ ކޯޓަށް ވަނީ އަންގައިފަ އެވެ.

އެހެންވެ، ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައުމޫނާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން އެ ކުންފުނިން ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އެ ކުންފުނީގެ ވަކީލުންނާއި ކުންފުންޏަށް ގާނޫނީ ލަފާދޭ އެހެން ވަކީލުންނަށް ވެސް ގަބޫލު ކުރެވިގެންނެވެ.

މިފަދަ މައްސަލަތަކުގައި ޒިންމާ ކުރުވަން ޖެހޭ ގޮތްތައް ރިވިއުކޮށް އެމްޓީސީސީން ދެން އަމަލު ކުރަން ޖެހޭނެ ގޮތެއް ކަނޑައަޅަން ޖެހޭނީ އިލެކްޝަން ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނުކުތާއެެއް ނަގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް ހައި ކޯޓުން އޭރު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް މައުމޫންގެ ފަރާތުން ހުށަހެޅި އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން މިދިޔަ ޖެނުއަރީ މަހު ތާވަލުކުރި ނަމަވެސް، އެމްޓީސީސީން އެދިގެން އެ އަޑުއެހުން ކެންސަލްކުރި އެވެ. ނަމަވެސް ހައި ކޯޓުގައި އޮތް މައްސަލަ އެމްޓީސީސީން އަނބުރާ ގެންދިއުމާ އެކު، ސުޕްރީމް ކޯޓުގައި އޮތް މައްސަލާގެ ޝަރީއަތް ވެސް ދެން އިތުރަށް ކުރިއަށް ގެންދަން ނުޖެހޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *