ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ފައްޔާޒު ދެކޮޅު ހަދައިފި

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ފައްޔާޒް ވިދާޅުވީ ޕްރިފެރެންޝަލް ވޯޓިންގ އަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.

 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށެވެ.

 

"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް" ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ބަހުސް އަލުން ފެށިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރިފެރެންޝަލް ވޯޓިން ނިޒާމަށް ބަދަލުވުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައިވާތީއެވެ. ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުން ހަރަދު ކުޑަކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ފައްޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *