ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލާ އެ މަގާމު އަލުން އިއާދަކޮށްދިނުމަށް ހިއުމަން ރައިޓްސް ވޮޗުން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.
ހިއުމަން ރައިޓްސް ވޮޗަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ އޭޝިއާ ޑިރެކްޓަރު އިލައިން ޕިއާސަން ވަނީ މުހިންމު ދުސްތޫރީ މައްސަލައެއް ބަލަމުންދަނިކޮށް އެ މައްސަލައިގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމަކީ މިނިވަންކަމާއެކު އެ މައްސަލަ ނިންމުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުން ފެށުމުގެ ކުރިންނެވެ. ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
ދުސްތޫރީ މުހިންމު މައްސަލަތަކުގައި ކޯޓުތަކަށް މިނިވަންކަމާއެކު ހުކުމް ނުކުރެވޭހާ ހިނދަކު، ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމްކުރާ ގައުމަކަށް ނުވެވޭނެކަމަށް ޕިއާސަން ވަނީ ވިދާޅުވެފަ އެވެ.
ޕިއާސަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި އާ ޤާނޫނުއަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުޢީ ދާއިރާއާ ގުޅޭ ޝަކުވާތައް ތަޙްޤީޤުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ. ނަމަވެސް، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ވާގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލުނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވިގެން އެކަނި ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، ޕިއާސަން ވިދާޅުވީ ޖުޑީޝަރީގެ މިނިވަންކަމާ ބެހޭ އ.ދ.ގެ އާންމު އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކު މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ނުވަތަ މަޤާމުން ދުރުކުރެވޭނީ ވެސް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޤާބިލުނޫންނަމަ ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ކުފޫ ހަމަނުވާފަދަ ޢަމަލުތަކެއް އޭނާގެ ކިބައިގައި ހުރުމުން އެކަނި ކަމަށެވެ.


