ދުންފަތް މަނާކުރާ ބިލް މިމަހު 12 ވަނަ ދުވަހުގެ ކުރިން ނިންމަން ފާސްކޮށްފި

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މެއި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އެ ބިލު ދިރާސާކުރާ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލަކީ 2007 ގެ ފަހުން އުފަންވެފައިވާ ޖީލަކަށް ދުންފަތް މަނާކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި ބިލުގެ މަސައްކަތް މެއި 12 ގެ ކުރިން ނިންމުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

ކޮމިޓީން ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށް އާންމުންގެ ހިޔާލު ހޯދުމަށްފަހު، ބިލާ ގުޅުންހުރި ކަސްޓަމްސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، ހެލްތު މިނިސްޓްރީ އަދި ފުލުހުންގެ ބަހެއް ހޯދުމަށެވެ. ކޮމިޓީގައި ވާހަކަދެކެވުނު ގޮތުން، ގާނޫނު އެންމެ ފުރަތަމަ ފާސްކުރިއިރު ކަސްޓަމްސްގެ ވެރިން ނުރުހޭ ވަރަށް ގިނަ ކަންތައްތަކެއް ބިލުގައި ހުރިކަން ފާހަގަކުރެވުނެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހަށް ކަސްޓަމްސްގެ ޓެކްނިކަލް ބޭފުޅުންގެ ރިކޮމެންޑޭޝަނެއް ހޯދުމަށް ވަނީ ނިންމާފައެވެ.

ކޮމިޓީގައި ވާހަކަދެކެވުނު އަނެއް މުހިންމު ކަމަކީ ޓޫރިސްޓުންނަށް ލުއިގޮތްތަކެއް ހޯދުމުގެ މައްސަލައެވެ. ބައެއް ޕީއެންސީ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ގިނަ އާމްދަނީ ވަންނަ ދޮރުކަމަށްވާތީ، ޓޫރިޒަމަށް ލުއިގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެކެވެ. ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި، މި "ޖެނެރޭޝަން ބޭން" މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *