އައިޖީއެމްއެޗް ޑޮކްޓަރުން އިތުރު ކްލިނިކްތަކަށް ދިއުން ހުއްޓުވަން ޕްލޭނެއް

އައިޖީއެމްއެޗްގެ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކްތަކަށް ދިއުމުގެ ބަދަލުގައި އޮފް ގަޑިތަކުގައި އައިޖީއެމްއެޗްގައި ސްޕެޝަލައިޒް އޯޕީޑީތަކެއް ހިންގުމަށް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މި ބަދަލާއެކު ހޮސްޕިޓަލްގެ ކިއު ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރަށް ދަނީ އެތަންތަނުން ލިބޭ އާމްދަނީ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ޕްރައިވެޓް ހޮސްޕިޓަލްތަކުން ޑޮކްޓަރުންނަށް ދޭ ފަދައިން ކޮންމެ ސާޖަރީއަކުން ޕަސެންޓޭޖެއް ނުވަތަ އާމްދަނީއެއް ދިނުމަށްވެސް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ޕްރައިވެޓް ތަންތަނަށް ނުގޮސް އައިޖީއެމްއެޗްގައި ސާޖަރީތަކާއި އޯޕީޑީތައް ހިންގުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގާބިލް ދިވެހި ޑޮކްޓަރުން ގިނަ ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށް ޕޭ ހާމަނައިޒްކޮށްފައިވާ ކަމަށާއި، ނަމަވެސް މި ދާއިރާގައި ވަރަށް ބޮޑަށް ވާދަވެރިކަން އޮންނަ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އައިޖީއެމްއެޗްގައި ރަސްމީ އޯޕީޑީގެ ގަޑިތައް ނިމުމަށްފަހު ރޭގަނޑު ސްޕެޝަލައިޒް އޯޕީޑީތައް ހިންގުމަށް ނިންމާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި މަޝްވަރާތައް ކާމިޔާބުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *