އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ އެ ޤައުމާއި އޮތް ގުޅުމުގެ މުޅީން އައު ބާބެއް ފެށިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޖޫން މަހުގެ 29 އިން މިއަދުގެ ނިޔަލަށް އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެ ޤައުމުން ފުރާވަޑައިގަތުމުގެ ކުރީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ މިދަތުރުފުޅުގައި އެމަނިކުފާނާއި ވަފުދަށް ބެހެއްޓެވި މެހެމާން ދާރީއަށް ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގް އާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ޤަައުމުން މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


