ހަނިމާދޫ އެއާޕޯޓް ވިއްކަނީކަމަށް ބުނެ ޔާމީން ހަދަނީ ދޮގު: ސައީދު

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާއަށް ވިއްކާލަން އުޅޭކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދު ﷲ ޔާމީން ދެއްކެވި ވާހަކަތަކަކީ ދޮގެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ސަރުކާރުން ބައްދަލުކުރި ކަމަށް އެނގިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކުރައްވާފައިއެވެ. ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ދެއްކެވި އެވާހަތަކަކީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

" ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް." ސައީދު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށްދާ ގޮތުން އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ. ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *