ވެރިކަމާ ހަވާލުވިއިރު ނިމިފައި އޮތީ އާ ޓާމިނަލުގެ 54 ޕަސެންޓް: ރައީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއޫ ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ.

އެއާޕޯޓަށް ކުރެެއްވި ޒިޔާރަތުގައި ފާހަގަވީ ޓާމިނަލްގެ ގިނަ މަސައްކަތްތަކެއް ނިންމާފައި ނެތްކަން ކަމަށާއި، އެގޮތުން މިދިޔަ ސަރުކާރުގައި ނިންމާފައިވަނީ ޕްރޮޖެކްޓުގެ 54 އިންސައްތަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބެލިބެލުމުން ވަރަށް ސާފުކޮށް ފެނޭ ތަން އޮތް ގޮތް ބޭރުން އެއްކޮށް ނިންމައި ނޫނިއްޔާ އިމާރާތުގެ ސްޓަރަކްޗާ. އެތެރޭގެ ގިނަކަންތައްތައް ހުރީ ކުރަންވެފައި އަދި އެއީ އިމާރާތް. ހަމަ އެކަނި ޓާމިނަލް އިމާރާތުން ނިމޭކަމެއް ނޫން މިކަމަކީ.. ޓާމިނަލް އޮޕަރޭޝަނަލް ކުރަންޏާ ކުރަންް ޖެހޭ ގިނަކަންތައްތައް ހުންނާނެ… ބައެއް ކަންކަން ނެތް ބަޔަކާއި ހަވާލުކޮށްފައި."

އެހެން ސަރުކާރުންތަކުގެ ކުރި ޓާމިނަލްގެ މަސައްކަތަށް ކްރެޑިޓް ނުދޭން މި ސަރުކާރުން މަސައްކަތްކުރާތޯ ޕޮޑްކާސްޓުގައި ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގަ އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓްގެ އައު ޓާމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާ، ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސް ވާހަކަފުޅުގައި ސިފަކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *