ރާއްޖެއާއި ސްރީލަންކާއާ ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ރާއްޖެއަށް ޒިޔާރަތްކުރެއްވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށްފަހު ރައީސް އޮފީހުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ވަނީ 2 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެގޮތުން ސޮއިކޮށްފައިވަނީ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެއްބާރުލުން ދިނުމާގުޅޭ ޓްރީޓީއަކާއި ޑިޕްލޮމެޓިކް ޓްރޭނިން އަދި މައުލޫމާތު ބަދަލުކުރުމާ ގުޅޭ އެމްއޯޔޫއެއްގަ އެވެ.
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެއްބާރުލުން ދިނުމާގުޅޭ ޓްރީޓީގެ ދަށުން ޖިނާއީ ތަހުގީގުތަކަށް އަދި ދައުވާ ކުރުުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހެކި ބަދަލުކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން އިތުރު އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.
ޑިޕްލޮމެޓިކް ޓްރޭނިން އަދި މައުލޫމާތު ބަދަލުކުރުމާ ގުޅޭ އެމްއޯޔޫގެ ދަށުން ތަމްރީނު ފޯރުކޮށްދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްބާރުލުންދިނުން ހިމެނެ އެވެ.
ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ މި މަހުގެ 28 އިން 30 އަށް ކުރައްވާ ދަތުރުފުޅެކެވެ.


