އައިޖީއެމްއެޗްގެ އައިނު ފިހާރައަށް ބޮޑު ތަރުހީބެއް، ޝުކުރިއްޔާ ރައީސް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އަލަށް ހުޅުވި އައިނު ފިހާރައަށް ޑިމާންޑް ބޮޑުވެ، ކިޔޫގައި 1267 މީހުން ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 26 ގައި ހުޅުވި އައިނު ފިހާރައިން، އަމިއްލަ އަށް އެއްވެސް ހަރަދެއް ނުކޮށް ހިލޭ އައިނު ހެއްދޭނެ އެވެ. ހުޅުވިތާ ހަފުތާއެއްހާ ދުވަސްވީ އެތަނުން ހިދުމަތް ހޯދަން މިހާތަނަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތަނުން ދުވާލަކު 40 އެއްހާ މީހުން ޗެކަޕް ހަދާ ކަމަށެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް ލޮލުގެ ނަމްބަރު ނެގުމަށް 1267 މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު 20-30އާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާއިރު މިހާތަނަށް ދޫކޮށްފައި ވަނީ 131 އައިނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ކުރިން ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން، އާސަންދަ އިން އައިނު ހައްދަން ދޭ ފައިސާއެކު ވެސް އަމިއްލަ ޖީބުން ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހުޅުވަން ސަރުކާރުން ނިންމީ، އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ. އެތަނުން ހިދުމަތް ހޯދަން، އައިނު ފިހާރައިގެ ނަމްބަރު 3335150 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *