ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ތިން ވަނަ ބުރު ނިންމާ 269 ޚަޠީބުން ސަނަދު ހާސިލްކޮށްފި

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން ސަނަދު ޙާސިލްކޮށްފިއެވެ.

މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ސަނަދު ހާސިލުކުރި ޚަޠީބުންނާއެކު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައި ކަމަށެވެ.

ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *