ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ކުރާ މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ)އެވެ.

އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫ އިންނެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ، މި ޚިދުމަތަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ޢަބްދުﷲ މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާ ކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވެއެވެ.

އަދި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވެއެވެ. އަދި މިފަދަ ތިން މައްސަލައެއްގައި 16000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އިތުރުވަމުން ދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފުލުހުން ބުނީ ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *