ދިވެހި ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ހާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރު ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަވެއްޖެކަމުގެ އަޑުތައް ފެތުރެމުން ދިޔަކަމުގައިވިއަސް، ޔުނިވާސަލުން ބުނަނީ އެމަނިކުފާނު އަދި އަވަހާރަ ނުވާކަމަށެވެ. އެހެންނަމަވެސް ހާލުކޮޅު ވަރަށް ސީރިއަސް ކަމަށް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޔޫ މަނިކު މިވަގުތު އޮންނެވީ ވެންޓިލޭޓަރުގައެވެ. އެނގިފައިވާ ގޮތުގައި އާއިލާގެ ބޭފުޅުން ސިންގަޕޫރަށް ވަޑައިގެންނެވުމުން ވެންޓިލޭޓަރުން ނަގާނެ ކަމަށްވެއެވެ.
އުމުރުން 90 ގެ އަހަރުތައް ގުނުއްވަމުން ގެންދެވި އެމްޔޫ މަނިކްއަކީ ރާއްޖޭގެ އަށް އެންމެ ބޮޑަށް ހިދުމަތް ކުރެއްވި އެއް ބޭފުޅާ އެވެ. އެމަނިކުފާނު ކުރެއްވި މަސައްކަތް ގުނާ އަގު ނުކުރެވޭނެ އެވެ. އެ މަނިކްފާނު ހާއްސަ ވެގެން ދަނީ ޓޫރިޒަމް ސިނާއަތުގެ ދާއިރާއިންނެވެ.
އެ މަނިކުފާނުގެ ގިނަ ހިދުމަތްތަކެއް މައި ވައިގެ ބަނދަރުގައިވެސް ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ވަޒީފާތަކުގެ އިތުރުން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އުފެއްދެވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވާފައިވެއެވެ.
ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު އަރުއްވާފައިވާ އެމްޔޫ މަނިކްއަކީ 1972 ވަނަ އަހަރު ރާއްޖެއަށް ޓޫރިޒަމް ތަރައްގީ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. މިގޮތުން ރާއްޖޭގެ ފުރިހަމަ ރިސޯޓް ކަމަށްވާ ކުރުނބާ ހުޅުއްވީ އެ މަނިކްފާނެވެ. މީގެ އިތުރުން ދިވެހި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ ދަށުން ދުނިޔޭގެ ނަން މަޝްހޫރު ޓޫރިޒަމް ގިނަ ބްރޭންޑްތަކެއް ރާއްޖެ ގެނެސްދެއްވި އެވެ.


