ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުން އިސްނެގުމަށް، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ގޮވާލައްވައިފިއެވެ.
ތާރިގް މިކަމަށް ގޮވާލެއްވީ، މިހާރު ކުރިއަށްދާ އޭޝިއާ-ޕެސިފިކް ވެށި ފޯރަމް ގައި، މިނިސްޓަރުންގެ ބަޔާނެއް އިއްވަވަމުންނެވެ.
މިނިސްޓަރު ވަނީ، ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ ގޮތުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ތާރިގް ވިދާޅުވީ، އޭޝިއާ-ޕެސިފިކް ސަރަހައްދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކުކަން ބޮޑު ސަރަހައްދެއް ކަމުގައި ވީނަމަވެސް، ވެށީގެ ދާއިރާގައި ބަދަލުތައް ގެނެސް، އިސްނަގައި، އެހެން ޤައުމުތަކަށް ނަމޫނާ ދެއްކުމުގެ ޤާބިލުކަން އެބައޮތް ކަމަށެވެ. އެހެންކަމުން، ގުޅިގެން މަސައްކަތްކޮށް، ހައްލުތަކަށް މަގުފަހިކުރުމަށް ވަނީ ގޮވާލައްވާފައެވެ.
ވެށީގެ ދާއިރާގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާކަމަށާއި، ދުނިޔޭގެ މައްސަލަތަކަށް ސަރަހައްދީ ގޮތުން ހައްލު ހޯދުމަށް ރާއްޖޭން ބޮޑު އިސްކަމެއް ދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


