އިސްރާއީލްގެ އަސްކަރީ ތަރުޖަމާނު އަވިޗައި އަދްރާއީ ވަނީ، އެގައުމުގެ ސިފައިން ޣައްޒާ ސިޓީގެ ވަށައިގެން ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދީފައިވާ ވަގުތީ ހުއްޓުންތައް ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން، އޮކްޓޯބަރު 7، 2023 ގައި ހައްޔަރުކުރި އިސްރާއީލްގެ އަސީރެއް ކަމުގައިވާ އިލާން ވެއިސްގެ ހަށިގަނޑު ޣައްޒާއިން ފެނިފައިވާ ކަމަށްވެސް އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.
ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ދެ ކުޑަކުދިންނާއެކު ފަސް މީހަކު ޝަހީދުވެފައިވެއެވެ. ހަނގުރާމަ ފެށުނުފަހުން ކާނާ ނުލިބިގެން ޝަހީދުވި މީހުންގެ ޖުމްލަ 322 އަށް އަރާއިރު، އޭގެ ތެރޭގައި 121 ކުޑަކުދިން ހިމެނެއެވެ.
ހަމާސްގެ އަސްކަރީ ގޮފި، އަލް-ޤައްސާމް ބްރިގޭޑްސް އިން ވަނީ އިސްރާއީލްގެ އޮޕަރޭޝަނުގެ ސަބަބުން އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ހައްޔަރުކުރެވިފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ، އެމީހުން ރައްކާތެރިކުރުމަށް މަސައްކަތް ކުރިނަމަވެސް، ހަނގުރާމައިގެ މައިދާނުގައި އެމީހުން ތިބުމަކީ އެމީހުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އ.ދ.ގެ ފަލަސްތީނު ރެފިއުޖީންނާބެހޭ އެޖެންސީ (އަންރުވާ) އިން ބުނެފައިވަނީ، އިސްރާއީލުން މިލިއަނެއްހާ ފަލަސްތީނު ރައްޔިތުން ޣައްޒާ ސިޓީއިން ދެކުނަށް ބަދަލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އޮގަސްޓް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޣައްޒާ ސިޓީގެ ޒައިތޫނާއި ސަބްރާ އަވަށްތަކުގެ 1,000 އަށްވުރެ ގިނަ އިމާރާތް ވަނީ ހަލާކުވެފައެވެ.
ހުކުރު ދުވަހު އެކަނިވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 67 ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގެ ހުޅަނގު އަލް-މަވާސީއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަސް މީހުންނާއި، ނެޓްޒާރިމް ކޮރިޑޯ ކައިރިން އިސްރާއީލް ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ތިން މީހަކު ހިމެނެއެވެ.
ފަލަސްތީނުގެ ޞިއްޙަތާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް ފަލަސްތީނުގެ 63,000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 157,600 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.


