ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރކުރައްވައިފި

37 އަހަރުގެ އިޚްލާޞްތެރި އަސްކަރީ ޚިދުމަތަށްފަހު، ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ނަޝީދު، ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

މިކަމަށްޓަކައި ރޭ ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު ނަޝީދުއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު ނަޝީދުއާ ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއެވެ. އަދި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު ޙަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ

ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ނަޝީދުވަނީ އެ ބޭފުޅާގެ ދިގު އަސްކަރީ ޚިދުމަތުގައި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8) ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމް، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް (ޖޭ4) ގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމް، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމާއި ކޮމާންޑިންގ އޮފިސަރގެ މަޤާމް، ކްއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، އޮފިސަރ ކޮމާންޑިންގގެ މަޤާމް އަދި އޮފިސަރ ކޮމާންޑިންގގެ އެހީތެރިޔާގެ މަޤާމު އަދާކުރައްވާފައެވެ. އަދި އެ ބޭފުޅާ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ހުންނެވީ، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8) ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގައެވެ.

އެމްއެންޑީއެފުން ހާމަކުރެއްވިގޮތުގައި، މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ނަޝީދުގެ 37 އަހަރުގެ ސިފައިންގެ ޚިދުމަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، އެ ބޭފުޅާގެ އަސްކަރީ ޚިދުމަތުގެ ސައިޓޭޝަންއެއް އިއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ކޮމާންޑް ސާރޖަންޓް މޭޖަރުން އަދި ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8) އަދި އޯޑްނަންސް ސަރވިސްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *