ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު: މަސައްކަތުގެ 72 މީޓަރުގެ ޝީޓް ޕައިލިންގ ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގައި މިހާތަނަށް 72 މީޓަރުގެ ޝީޓް ޕައިލިންގ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް އެމްޓީސީސީގެ އެމްޑީ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ މިއަދު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫޢުގެ ފުރަތަމަ ބައިގައި ހިމެނޭ ކީވޯލް ކެޕިންގ ތަޅާލުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، މަގު ފުޅާކުރުމަށާއި އާ ކީވޯލް ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފައިމަގުން ހިނގާ މީހުންނަށް ފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނިގޮތުގައި މަގު ފުޅާކުރުމުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، އާ ފެންހިންދާ ނިޒާމެއް ޤާއިމްކުރެވުމުން ވާރޭވެހޭ މޫސުމުގައި މަގުމަތި ފެންބޮޑުވުން ކުޑަވެގެންދާނެއެވެ.

144.5 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހުއެވެ. މަޝްރޫޢު ނިންމުމަށް ދީފައިވަނީ 455 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ މަގު ހަތަރު ލޭނަށް ފުޅާކުރެވޭނެއެވެ.

މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން މަގުތަކުގައި ރޯޑް މާކިންގ އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *