ބ. އަތޮޅުގެ 8 ރަށެއްގައި ”ވޯކް އެންޑް ޓޯކް“ ހަރަކާތްތަކެއް ހިންގައިފި

ފުލުހުންގެ ދުވަހާ ގުޅިގެން، ބ. އަތޮޅު ޕޮލިހުން އެ އަތޮޅުގެ 8 ރަށެއްގައި ”ވޯކް އެންޑް ޓޯކް“ ހަރަކާތްތަކެއް ހިންގައިފައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 01 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، އޭދަފުށި، ތުޅާދޫ، ކެންދޫ، ކަމަދޫ، ކުޑަރިކިލު، ދޮންފަނު، ހިތާދޫ އަދި މާޅޮހުގައި ހިންގި މި ހަރަކާތްތަކަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރަށްރަށުގެ އާންމު ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

”ވޯކް އެންޑް ޓޯކް“ ހަރަކާތުގައި ބ. އަތޮޅު ފުލުހުން ވަނީ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން  އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ދިނުމުގައި ރަނގަޅުކުރަންވީ ކަންތައްތައް ރައްޔިތުންގެ ކިބައިން އޮޅުންފިލުވައި، އެކަމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާ ބެހޭގޮތުން އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދާފައިވެއެވެ.

ފުލުހުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ، ކުށްމަދުކޮށް ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނެވެ.

މި ހަރަކާތުގައި، ރަށްރަށުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންނާ ވެސް ބައްދަލުކޮށްފައިވެއެވެ. މި ހަރަކާތަކީ ކުށްމަދު ރައްކާތެރި މުޖުތަމައެއް ރަށުގެ ރައްޔިތުންނަށް ހޯދައި ދިނުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

އާންމު ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ގުޅުން ބަދަހި ކުރުމަށް ފުލުހުން އަންނަނީ ތަފާތު އެކި ހަރަކާތްތައް ރަށްރަށުގައި ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *