ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް މިމަހު ހުޅުވާލަނީ

ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހު ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ރޯހައުސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ރޯހައުސްތަކަކީ 700 އަކަފޫޓުގެ ޖާގައިގައި ތިން ކޮޓަރީގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ. މި މަޝްރޫއު ފެށިފައިވަނީ 2022 ވަނަ އަހަރުއެވެ.

އިސްވެދިޔަ ޖެނުއަރީ 28 ގައި ތިނަދޫ ސިޓީ ކައުންސިލުން މި ރޯހައުސްތަކަށް ކުރިމަތިލުމަށް އިއުލާނު ކުރުމުން، އެއީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ ފެބްރުއަރީ 1 ގައި ހައުސިން މިނިސްޓްރީން އެ އިއުލާނު ބާތިލުކުރުމަށް އަންގާފައިވެއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށާއި، މިފަދަ ހައުސިން ޔުނިޓްތައް ދޫކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަންޖެހެނީ މިނިސްޓްރީގެ އެންޑޯސްމަންޓާއެކު ކަމަށް ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *