އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައި، އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލައްވައިފި އެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފަށް ހިންގާ އެފަދަ އަމަލުތަކާ ދެކޮޅަށް އަވަސް ގޮތެއްގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މީގެކުރިން ވެސް ސަރުކާރުން ވަނީ އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށް، އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އަދި އދ. ގައި ރާއްޖެއިން ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އަދި އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް ބައެއް ގައުމުތަކުން ހުށަހަޅާފައިވާ މައްސަލާގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.


