ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ބިލެތްފަހި އެއަރޕޯޓު ނިންމާ ހުޅުވާނަން: ރައީސް

ށ. ބިލެތްފަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށާއި ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުތަކުން ވަޢުދުވެފައިވީ ނަމަވެސް، އެއީ މިހާތަނަށް ހަޤީޤަތަކަށް ނުވެފައިވާ މަޝްރޫޢުއެކެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1500 މީޓަރުގެ ދިގު ރަންވޭއަކާއެކު، އެއަރޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ޤާއިމްކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީގެ މަސައްކަތްތައް މުޅި މަޝްރޫޢު ގިނަވެގެން 2 އަހަރާއި ބައިގައި ނިންމާނެ. މި މަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތި، ބާރު ސްޕީޑްގައި ކުރިއަށްދާނެ،“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ބިލެތްފަހީގައި އެހެނިހެން މުހިންމު މަޝްރޫޢުތައްވެސް ކުރިއަށްގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

އަދި ސްކޫލްގެ 8 ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *