އިޒްރޭލުގެ 20 އަސީރުންގެ ބަދަލުގައި ފަލަސްތީނުގެ 1،968 މީހަކު މިނިވަންކޮށްފި

ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސް އިން އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމާ އެކު އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 1،968 މީހަކު މިނިވަންކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ޖަލުތަކާ ބެހޭ އިދާރާއިން ފަލަސްތީނުގެ ގައިދީން ސިފަކޮށްފައިވަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.

އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ އެކި ޖަލުތަކުން 1،968 މީހަކު އެއްތަނަކަށް ޖަމާކުރުމަށް ފަހު ހުޅަނގު އައްސޭރިއަށް ގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން މިއަދު މިނިވަންކުރުމުން އޭގެ ބަދަލުގައި ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަންކުރަން އިޒްރޭލުން ވަނީ ނިންމާފައެވެ.

އިޒްރޭލުން ދޫކޮށްލަންޖެހޭ ފަލަސްތީނު މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހަކާއި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ 1،700 މީހަކު ހިމެނެ އެވެ. މި ގައިދީންގެ ތެރޭގައި އުމުރު ދުވަހުގެ ފަސް ހުކުމް އިއްވާފައިވާ، ފަލަސްތީނުގެ މުހިންމު ލީޑަރެއް ކަމަށްވާ މަރްވާން ބަރުގޫތީ އަދި އަހްމަދު ސާދާތު ހިމެނިދާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް އެ ބޭފުޅުންނެއް ނުހިމެނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގައިވާ ގޮތުން، މިހާތަނަށް މިނިވަން ނުވެ ތިބި އިޒްރޭލުގެ 48 ރަހީނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި 20 މީހުން، ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ މިނިވަންކުރަން ޖެހެ އެވެ. އަދި އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރަން ޖެހެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ޖެހެނީ އިޒްރޭލުގެ ދިރިތިބި 20 އަސީރުން މިނިވަންކުރުމުންނެވެ. އެކަން ވަނީ މިއަދު ހެނދުނު ފުރިހަމަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *