ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް ށ. ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ އެންމެ ފަހު ރަށަކަށް ކޮމަންޑޫއަށް ވަޑައިގެން، އެރަށުގެ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ވެސް ފިނޭންސް މިނިސްޓަރު ޒަމީރެވެ.
ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހިންގަން އުޅުނު މަޝްރޫޢެކެވެ. ނަމަވެސް، އެ ދެ ވެރިކަމުގައި ވެސް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގައެވެ. ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ވަނީ އެ އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.