ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފިއެވެ.
ފުލުހުން މިރޭ ދިން މައުލޫމާތުގައި ބުނެފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އަދި އިތުރު އެއް ފަރާތެއް ހިމެނެއެވެ.
މި ހަތަރު މީހުންނަކީ މި މައްސަލަ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ކަމަށް ފުލުހުން ބުންޏެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ އެ އިދާރާ އިން ބުނި ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ.
އެ ވަގުތުން ފެށިގެން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގުގެ ތެރެއިން މިހާތަނަށް ވަނީ އެކި އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން މިރޭވެސް ކުރިއަށްދާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރަމުން ގެންދާނެ ކަމަށެވެ.