ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފުކުރަން އައިސީސީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޣައްޒާއަށް ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލައިގައި އައިސީސީން ވަނީ ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ވެސް ހައްޔަރުކުރަން އަމުރު ނެރެފައެވެ.

ޣައްޒާގައި ހިންގާ ޖަރީމާތަކާއި ލާއިންސާނިއްޔަތާ އަމަލުތަކުގެ ޒިންމާ ނަތަންޔާހޫ އާއި ގެލަންޓް ގާނޫނީ ގޮތުން އުފުލަންޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރުމުން އެ ދެ މީހުން ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މީގެއިތުތުން އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އިސް މެންބަރަކު ހައްޔަރުކުރުމަށް ވެސް އައިސީސީން އަމުރު ނެރުނެވެ. އެކަމަކު އެ ލީޑަރުން މިހާރު ދުނިޔޭގައި ނެތްކަން ކަށަވަރުވުމުން މިހާރު ވަނީ އެ އަމުރުތައް ބާތިލްކޮށްފައެވެ.

އައިސީސީގެ އެ އަމުރު ބާތިލު ކުރުމަށް އިޒްރޭލުން ހުށަހެޅީ މިދިޔަ މެއި މަހުގައެވެ. އަދި ވެރިން ހައްޔަރުކުރުމުގެ އަމުރަކީ އައިސީސީގެ އިހްތިސާސުން ބޭރުން ނިންނި ނިންމުމެއް ކަމަށް ބުނެ ވަކި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

އެގޮތުން ޖުލައި މަހުގެ 16 ވަނަ ދުވަހު އެ ކޯޓުން ނިންމީ ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، އަމުރު ބާތިލްކުރުމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންވެ ހުށަހެޅުން ވެސް ކޯޓުން ބޭރުކޮށްލީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *