ކާބޯތަކެތީގެ ހިދުމަތްދޭ ގެސްޓްހައުސްތަކުން އެތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ.
މި އެންގުމާ އެއްގޮތަށް، މާލެ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްޓަކައި އެމްއެފްޑީއޭގައި ރަޖިސްޓްރީކުރުމަށް އަންގާފައިވާއިރު، އަތޮޅުތެރޭގައި ހުންނަ ތަންތަނުން އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަށް ހުށަހަޅައިގެން ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ.
އެމްއެފްޑީއޭއިން މިފަދަ އެންގުމެއް އަންގާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މި ގޮތުން މި ފަހުން މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ހަރަކާތެއް ވެސް އެމްއެފްޑީއޭއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ހަރަކާތުގެ ތެރެއިން 70 ތަނެއް ވަނީ ބަންދުކޮށްފައެވެ. މި ތަންތަން ބަންދުކޮށްފައިވަނީ އެމްއެފްޑީއޭގައި ރަޖިސްޓްރީނުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުން ގެންދިޔުމާއި، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ހިދުމަތް ދެމުން ގެންދިއުމުގެ ސަބަބުންނެވެ.
އަދި ހުއްދަ އައު ކުރުމަށާއި، ރަޖިސްޓްރީކުރުމަށް ފޯމް ހުށަހަޅާފައިވާ 27 ތަނަކަށް އެމްއެފްޑީއޭއިން ވަނީ ހުއްދަ ދޫކޮށްފައެވެ.