ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައި މި ވަނީ ޖޭއެސްސީގެ ރައީސް އަދި އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އިއްޔެ އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ.
އެގޮތުން ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ކަނޑައެޅުމަށް މިއަދު ނެގި ވޯޓުގައި އެ މަޤާމަށް އޭނާ އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.


