ޅ އަތޮޅުހެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގެންނެވުމަށްފަހު، ދެން ދަތުރުފުޅުކުރެއްވީ، ރަސްމީ ހައިސިއްޔަތުން މާލެއަތޮޅުގައި ވަޑައިނުގެންނެވި އޮތް ތިން ރަށްކަމުގައިވާ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވައި އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައިވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެއިތުރުން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފައްޓަވާފައިވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން މިއަދު ކ. ތުލުސްދޫއަށް ވަޑައިގަތުމާއެކު، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި އެމަނިކުފާނު މި ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވާފައެވެ.


