ރައީސްއަށް ނައިފަރުން ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް ވަޑައިގެންފިއެވެ.

މިއީ ރައީސް މި ދަތުރުފުޅުގައި ވަޑައިގެންނެވި 4ވަނަ ރަށެވެ.

އެމަނިކުފާނު ނައިފަރަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ވަރަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ނައިފަރުގައި ރައީސުލްޖުމްހޫރިއްޔާގެ އެޖެންޑާގައި ހިމެނޭ މުހިންމު ބައްދަލުވުންތަކެއް ހިމެނެއެވެ. އެގޮތުން، އެމަނިކުފާނު ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ދަތުރުފުޅުގައި ނައިފަރުގެ ތަރައްޤީއަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވުމަށް ނިންމަވާފައެވެ. އެގޮތުން، ޅ. ނައިފަރުގެ މަގު ހެދުމުގެ މަސައްކަތް ފެށުމާއި، 30 ޓަނުގެ އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުން، އެރަށުގައި ބިން ހިއްކުމުގެ މަސައްކަތް ފެށުމާއި، ފުލުހުންގެ އެކޮމޮޑޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުންވެސް ވަނީ ހަމަޖެހިފައެވެ.

މިނޫންވެސް މުހިންމު ހަރަކާތްތަކެއް ނައިފަރު ދަތުރުފުޅުގައި ހިމެނެއެވެ. އެގޮތުން، ނައިފަރުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ވައުދުތަކާއި ރަށުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގެ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *