މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާއި އަނބިދަރީންގެ މާލީބަޔާން އާންމުކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ނިންމާފައި ވަނީ ކަސްޓަމްސްއާ ގުޅޭ އިހުމާލުގެ މައްސަލަތަކެއް ބެލުމަށްފަހު އެކަންކަން ރަނގަޅުކުރަން ކަސްޓަމަށް އަންގެންޖެހޭ ކަންތައްތަކެއް ފާހަަގަކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓެއް މަޖިލީހުން ފާސްކޮށްގެންނެވެ.
އެ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.
އެގޮތުން އެ ކޮމިޓީން ބެލި މައްސަލަތަކުގެ ތެރޭގައި ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާ މައްސަލަ ހިމެނެއެވެ.
އަދި އެގްޒޮޓިކް އެންޓަ ޕްރައިސަސް ބޮންޑެޑް ވެއާ ހައުސްގައި ހުރި 575 ސިިރޭޓް ކާޓޫނު ކަސްޓަމަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް ނެރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 47 މިލިއަން ރުފިޔާ ނުލިބުނު މައްސަލަވެސް ހިމެނެވެ.
މީގެ އިތުރުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ގާނޫނާއި ގަވާއިދާ ހިލާފަށް 200 މާސްޓާ ކާޓޫން ސިނގިރޭޓް އެތެރެކުރި މައްސަލަ ހިމެނެއެވެ.
އެ ރިޕޯޓަށްފަހު މަޖިލީހުން އެންގި ކަންތައްތަކުގެތެރޭގައި މިފަދަ މައްސަލަތައް ތަކުތާރުވިޔަ ނުދިނުމަށް އެ މައްސަލަތަކުގައި މުވައްޒަފުން ޝާމިލުވުން ހުއްޓުވުމަށް މުވައްޒަފުންނާއި މުވައްޒިފުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއާ ކުރަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކޮށް ހާމަކުރާ ފޯމުތައް ރިވިއުކޮށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅޭނެ ހަރުދަނާ މެކެނިޒަމެއް ގާއިމުކޮށް އެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް އެ ކޮމިޓީއަށް އެންގުން ހިމެނެއެވެ.
އަދި ގާނޫނުން ކަސްޓަމާ ހަވާލު ކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް އެ މަސައްކަތް ކުރަން ރޭވިފައިވާގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިންއެއް ތައްޔާރުކޮށް ކޮމިޓީއަށް އެންގުންވެސް ހިމެނެއެވެ.
މީގެ އިތުރުން ގާނޫނުގައި ބުނާ ކަސްޓަމްސް އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އަޅަމުން ގެންދިއުމަށާއި
ކަސްޓަމަސްއަކީ ގާނޫނުތަކާ އެއްގޮތަށް ހިނގާ ރައްޔިތުންގެ އިތުބާރު އޮންނަ ހިދުމަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަަމަށް ލަފާކުރާ މުއްދަތު ހިމެނޭ ޓައިމްލައިނެއް ކޮމިޓީއަށް އެންގުން ހިމެނެއެވެ.


