ކާށިދޫގައި ޓޫރިޒަމް ތަރައްގީކޮށް ސީޕްލޭންގެ ހިދުމަތް ފަށަނީ

ކ. ކާށިދޫގައި ޓޫރިޒަމް ތަރައްގީކޮށް، ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ކާށިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ މުހިންމުކަމެއް ކަމަށެވެ. ރަށުގައި ޓޫރިޒަމް ތަރައްގީވުމަކީ ދަތުރުފަތުުރު ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ސަބަބެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މުޅިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެހެންކަމުން މި އަތޮޅުގައިވެސް އެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ އިތުރަށް ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމަށްޓަކައި ސީޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންތަކެއް މި ރަށަށް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު. ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރެވޭގޮތަށް ޕްލެޓްފޯމެއް ގާއިމުކުރެވޭކަން، ކުރަން ބަލާއިރުގަ މި ދެންނެވިހެން ޓޫރިޒަމް ވަރަށް މުހިންމުވޭ. ރަށުގެ ރައްޔިތުންނަށް މި ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމަށް މަސައްކަތް ކުރާއިރުގަ އެ އިންވެސްޓްމެންޓް، ސީޕްލޭން އޮޕަރޭޓްކުރާ ދެ ކުންފުނިކުރެ ކުންފުންޏަކުން ކުރަން ބަލާއިރުގަ އެ ފަރާތުން ބޭނުންވާނެ ގޮތަށް ފީޒިބަލް ކުރުމަށްޓަކާ ކޮންސްޓެންޓް ޕެސެންޖާ އަދަދު އެ ބޭފުޅުންނަށް ހަމަވާން ޖެހޭނެ އަބަދުވެސް" ރައީސް ވިދާޅުވިއެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް ފުރަތަމަ ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ މިހާރު ވަނީ ވަރަށް ގިނަ ލުއިތަކެއް ލިބޭގޮތަށް އަލުން ހުޅުވާލާފައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިންވެސްޓަރުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ރިސޯޓު ހެދުމުން ރަށަށް ގިނަ އަދަދެއްގެ ވަޒީފާ އިތުރުވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކާށިދޫ ކައުންސިލުން ކުރިއަށްގެންދާ ލޯކަލް ޓޫރިޒަމްގެ މަޝްރޫއަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެއީވެސް ރަށުން ވަޒީފާ އުފެދިގެންދާނެ މަޝްރޫއެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކާށިދޫ ވަކިން ނުވަތަ ތަންކޮޅެއް ދުރުގަގައި އޮތުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތު ކާށިދޫގައި ތަރައްގީކުރަން ދަތިތަކެއް އެބަހުރިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވަނީ ދާއިމީކޮށް ކާށިދޫގައި ސީޕްލޭންގެ ހިދުމަތް ފެށޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތަކީ މުހިންމު މަޝްރޫއެއް ކަމަށެވެ. ސަބަބަކީ ކާށިދޫއަކީ ދުރުގައި އޮންނަ ރަށަކަށްވުމުން ސިއްހީ ރަނގަޅު ނިޒާމެއް ރަށުގެ ރައްޔިތުންނަށް މުހިންމުވުން ކަމަށް ރައީސް ވިދާޅުވިއެވެ. ފިޒިއޮތެރަޕީގެ ހިދުމަތް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކާށިދޫގައި ފުޅާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުވެ، ރަށުގެ އިގްތިސޯދަށް ކުރިއެރުން އަންނާނެ މަޝްރޫއަކަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫއަކީ މުޅިރާއްޖޭގެ ކާނާގެ ޔަގީންކަމަށްވެސް މުހިންމު މަޝްރޫއެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަށް އެކި ކަހަލަ ލުއިތައް ދީގެން އިންވެސްޓަރުން ގެންނަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *