ޝަރަފުވެރި އެވޯޑާއެކު ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ނަން ވިދާލައިފި

ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް"، ފ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަދު ލިބިއްޖެ އެވެ.

ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ"ގެ އިނާމެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެ އިނާމު ލިބުނީ އެ ސްކޫލާއި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ސާފު ހަކަތާއި ބޯފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށެވެ. އެ މަސައްކަތުގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވެ އެވެ.

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ނަންފުޅުގައި ދޭ އިނާމެކެވެ.

"ޒައިދު ސަސްޓެއިނިބިލިޓީ ވީކް" ފެށުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދެވެ. "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް" ހަވާލުކުރުން އޮތީ އެ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަދި ނިލަންދުއަށް އުފަން ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެެރިވެވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި ކާމިޔާބީ ލިބުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީގައި ޒުވާނުންގެ އީޖާދީ ވިސްނުން ހުރި މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި އިނާމު އެ ސްކޫލަށް ލިބުނީ ދަރިވަރުން އިސްނަގައިގެން ހިންގާ ތަފާތު ޕްރޮޖެކްޓުތަކުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ ބޭނުންކުރުން
  • ވާރޭފެން ރައްކާކުރުމާއި ފެން މެނޭޖުކުރުން ހަރުދަނާކުރުން
  • ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުނ

މީގެ ކުރިން، 2015 ވަނަ އަހަރު އައްޑޫ ހައި ސްކޫލަށް ވެސް ވަނީ މި އިނާމު ލިބިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *