މުވައްޒަފުންނަށް މުސާރަ ދެވެނީ ސަރުކާރުންދޭ ސަބްސިޑީވެސް ހިމަނައިގެން: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކޮށްފައިވާ ފައިސާ ގަވައިދުން ޕެންޝަން ސްކީމަށް ޖަމާކުރެވިފައި ނުވާތީ، އެ ފައިސާ ޖަމާކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ބުނެފިއެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން ރޭ ނެރުނު ބަޔާނުގައި ބުނިގޮތުގައި، އެ ކޯޕަރޭޝަނުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދޭ މާލީ އެހީތެރިކަމާ އެކުގައެވެ.

ނަމަވެސް، އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މިގޮތުން، މާލެ ސިޓީ ކައުންސިލުން ވެމްކޯއިން ހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ފައިސާ ހޯދުމަށްޓަކައި 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ.

ވެމްކޯއިން ބުނީ ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދަތިކަމެއް ނެތި ދިނުމަށްޓަކައި ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލުން ލިބެންޖެހޭ ފައިސާ ހޯދުމުގައި އެހީތެރިކަމަށް އެދި މިނިސްޓްރީ އޮފް ފިނޭންސްގައި ދަންނަވާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ އެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރަމުން ވެމްކޯއިން ބުނީ، އަމާޒަކީ ވީހާވެސް އަވަހަށް މުވައްޒަފުންގެ ޕެންޝަން ފައިސާގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *