މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި ކަމަށް އެ ގައުމުން ބުނެފި އެވެ.
މި މަރުކަޒު ހުޅުވިކަން އިއުލާނު މި ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.
މެދުއިރުމަތީގެ ވައިގެ ދިފާއީ ކަންކަމާއި މިސައިލް ދިފާއީ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އައު މަރުކަޒެއް ގާއިމު ކުރީ ގަތަރުގެ އަލް އުދައިދު އެއަރ ބޭސްގަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގަތަރުގައި ހުންނަ މި އަސްކަރީ މަރުކަޒުގައި މިހާރުވެސް 17 ޤައުމެއްގެ އަސްކަރީ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.
"މިޑްލް އީސްޓަން އެއަރ ޑިފެންސް – ކޮމްބައިންޑް ޑިފެންސް އޮޕަރޭޝަންސް ސެލް" ގެ ނަމުން ނަންދެވިފައިވާ މި އައު މަރުކަޒު ޤާއިމުކޮށްފައި ވަނީ ކޮމްބައިންޑް އެއަރ އޮޕަރޭޝަންސް ސެންޓަރުގެ ތެރޭގަ އެވެ. މިތަނުގައި މަސައްކަތް ކުރާނީ އެމެރިކާގެ އިތުރުން އެމެރިކާ އާ ބައިވެރިވާ ސަރަޙައްދީ ޤައުމުތަކުގެ މުވައްޒަފުންނެވެ.
ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ އާ ޙަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ، މިއީ ސަރަޙައްދީ ދިފާޢީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަރުކަޒުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދިފާއީ ކަންކަމާއި މިސައިލް ދިފާޢީ ޒިންމާތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުން ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އެމެރިކާގެ އެއަރ ފޯސް ސެންޓްރަލް (އޭއެފްސެންޓް) ގެ މުވައްޒަފުން ސަރަޙައްދީ ބައިވެރިންނާ ގުޅިގެން ގިނަ ގައުމުތަކެއް ބައިވެރިވާ އަސްކަރީ ތަމްރީނުތައް ރޭވުމާއި، ތަމްރީނުތައް ހިންގުމުގެ އިތުރުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.


