ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ ރަން ޒަމާން: ޖަލީލް

ތަފާތު އެކި އުނދަގޫތަކުން މާލޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކަމަަށް ޕީއެންސީގެ ޓިކެޓުގައި މާލެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.

 

ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން އޭނާ ވިދާޅުވީ މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިނގަން ފެށީ 2021 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެއީ މާލޭގެ މޭޔަރު ކަމަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓުން މިހާތަނަށް އިންތިހާބުކުރި ހިދުމަތްތެރި ޒުވާން މޭޔަރު ރައީސް މުއިއްޒު އެ މަގާމުގައި ހުންނެވި 2 އަހަރާއި 5 މަހާއި ދުވަސްވަރު ކަމަށެވެ. އަދި އެއީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާން ކަމުގައި ޖަލީލު ވިދާޅުވިއެވެ.

 

މީގެއިތުރުން ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތް ކުރައްވާ، ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވެވި ކަމަށާއި އެއީ ސިލްސިލާކޮށް ބޭއްވެވި ރައްޔިތުންގެ އަޑު ގާތުން އެއްސެވި ހާލު އަހުވާލު ބެއްލެވި ބައްދަލުވުންތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މޭޔަރު ކަަމުގައި އެޕޮއިންޓްމަންޓަކަށް އެދުނު ކޮންމެ ރައްޔިތަކާ ބައްދަލު ކުރެއްވިކަމުގައި ވެސް ވިދާޅުވިއެވެ.

 

މޫސާ އަލީ ޖަލީލު ވިދާޅުވީ އެމަނިކުފާނު ވެސް ހުންނަވާނީ އެގޮތުގައި ކަމަށާއި 24 ގަޑިއިރު ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި ތައްޔާރަށް ކަމަށެވެ. އަދި ގައުމީ ހިދުމަތް ރޭދުވާ ހޭދަކޮށްލައި، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމުގައި އަބަދުވެސް ހުންނަވާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

 

މޫސާ އަލީ ޖަލީލު އިތުރަށް ވިދާޅުވީ ވަކި ކުލައަކަށް ތަފާތުކުރުމެއް ނެތި މަސައްކަތް ކުރާނެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށާއި އަދި މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއެކުގައި ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޭނުންވާ ހިދުމަތްތައް ސަރުކާރާ ގުޅިގެން ފުއްދައިދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *