މާލެ ސިޓީގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަލުވި ސްޕީޑުގައި މަސައްކަތް ކުރެވޭނެ ޓީމެއް މާލެއަށް ބޭނުންވާ ކަމަށް ނައިބް ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މާޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުން އަބަދު މާޒީގެ ވާހަކަ ދައްކައި، ސިޔާސީ ލީޑަރުންގެ އޮޅުވާލުންތަކުގެ ތެރޭގައި ތިބެގެން ނުވާނެ ކަމަށެވެ. މާލެއަކީ ވިސްނުންތެރި، ތައުލީމީ އަދި ޒިންމާދާރު ޒުވާނުންނާއި ލީޑަރުން އުފެދިފައިވާ ފަސްގަނޑެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ތިބެންވީތޯއޭ މިއަދު މާލޭ ރައްޔިތުން އަބަދު މާޒީގެ ވާހަކަ ދައްކަ ދައްކާލަ. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެދައްކާ އޮޅުވާލުންތަކުގެ ތެރޭގައި ޣާފިލްވެގެން ތިބެންވީތޯއޭ. ނޫން، އެއަށްވުރެ މާ ވިސްނުންތެރި، މާ ތައުލީމީ، މާ ގާބިލް ޒުވާނުންތަކާ ޒިންމާދާރު ވެރިންތަކެއް އުފެދުނު ތަނެއް މީ،" ނައިބް ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ މޫސާ ޢަލީ ޖަލީލް އާއި ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ މޫސާ ޢަލީ ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކުގައި ކަމަށާއި، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ބޭފުޅުން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ރައްޔިތުން ސީދާ ގޮތެއްގައި އެދޭ ތަރައްޤީ، ރައްޔިތުން ބޭނުންވާ ގޮތަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން އިމާރާތް ކުރުމުގެ ކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއި، މަގުތައް އަމާންކުރުމާއި، ޕާކިންގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޝައްކެއްވެސް ނެތް ތިޔަ ލޮބުވެތި ރައްޔިތުން ސީދާ ގޮތެއްގައި ތިޔަ އެދޭ ތަރައްގީ ތިޔަބޭފުޅުން ބޭނުންވާ ގޮތަށް މި ފަސްގަނޑުން ލިބިގެންދާނެ،" ނައިބް ރައީސް ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ގައުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރުންގެ ފަހަތްޕުޅުގައި ރުކުރުވާލުމަށެވެ. އެފަދަ ލީޑަރުންނާއެކު މަސައްކަތް ކޮށްފިނަމަ، ގައުމު އެދޭ އަމާންކަމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


