ޓްރަމްޕުގެ ރާގު ބަދަލުވެއްޖެ؛ މިހާރު ވިދާޅުވަނީ ގްރީންލޭންޑާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ނުކުރާނެ ކަމަށް

ގްރީންލޭންޑް ހޯދުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި އަސްކަރީ ބާރު ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވެ، ޔޫރަޕްގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރައްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޑެންމާކުގެ މި ސަރަހައްދު ހޯދުމަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއަކީ އެއްވެސް ބަޔަކަށް ހުއްޓުވޭނެ ބައެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ބާރު ބޭނުންކުރާކަށް ނުޖެހޭ. ބާރު ބޭނުންކުރާކަށް ބޭނުމެއް ނޫން. އަދި ބާރު ބޭނުންވެސް ނުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ގްރީންލޭންޑްގެ މިލްކުވެރިކަން އެމެރިކާއަށް ހޯދުމަށް ވަގުތުން މަޝްވަރާތައް ފެށުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގްރީންލޭންޑް ކުއްޔަށް ހިފުމަކީ ގައުމީ ސަލާމަތަށް ބަލާއިރު ގާނޫނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޖަޒީރާ ދިފާއުކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ބާރަކީ އެމެރިކާ ކަމަށްވެސް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.

މި ހުށަހެޅުމަށް ޑެންމާކާއި ގްރީންލޭންޑްގެ އޮފިޝަލުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ނޭޓޯގެ ބައެއް ގައުމުތަކުންވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިކަން ކުށްވެރިކުރައްވާފައިވާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއްވެސް ފަށާފައެވެ.

ޔޫރަޕްގެ ގައުމުތަކުން މިކަމަށް ދެކޮޅު ހަދާތީ، ޓްރަމްޕް ވަނީ ވިޔަފާރީގެ ދާއިރާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން ފެބްރުއަރީ 1 އިން ފެށިގެން ޔޫރަޕްގެ އަށް ގައުމަކުން އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފް ނަގަން ފަށާނެ ކަމަށާއި، ޖޫން މަހާ ހަމައަށް މި އަދަދު 25 އިންސައްތައަށް އުފުލިދާނެ ކަމަށް ވިދާޅުވިއެވެ.

"ތިޔަބޭފުޅުންނަށް އާނއެކޭ ބުނެވިދާނެ، އޭރުން އަޅުގަނޑުމެން އެކަން ބަލައިގަންނާނަން. ނޫނީ ނޫނެކޭވެސް ބުނެވިދާނެ، އެކަމަކު އަޅުގަނޑުމެން އެކަން ހަނދާން ބަހައްޓާނަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. 

މީގެ އިތުރުން ނޭޓޯއަކީ އެމެރިކާއަށް އިންސާފުވެރި އިއްތިހާދެއް ނޫން ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ އިއްތިހާދަށްވެސް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރަޝިޔާ އާއި ޗައިނާގެ ނުފޫޒުން ހުޅަނގުގެ ގައުމުތައް ސަލާމަތްކުރުމަށްޓަކައި ގްރީންލޭންޑްގެ ކޮންޓްރޯލް އެމެރިކާއަށް ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *