އުއްތަމަ ފަނޑިޔާރުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ރައީސް މުޢިއްޒުއަށް

ދިވެހިރާއްޖޭގައި މުސްތަގިއްލު ޝަރުޢީ ދާއިރާއެއް ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ތައުރީފް ކުރައްވައިފިއެވެ. އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ "ގަޟާއީ އަހަރު 2026″ އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ދާއިރާއަށް ދޭން ޖެހޭ ސަމާލުކަން ނުދެވި ދިގު މުއްދަތެއް ފާއިތުވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވުމާއި، މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކަކީ ގާނޫނުއަސާސީން ތަސައްވުރުކުރާ މިނިވަން ފަނޑިޔާރުގެއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަކުރެއްވިއެވެ. މީގެ އިތުރުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފެށޭނެކަމުގެ އުއްމީދުވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މިއަހަރުގެ ތެރޭގައި ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ބެކްލޮގްގައި ހުރި މައްސަލަތައް ވިލަރެސްކުރުމަށްޓަކައި މި މަހުގެ 10 ވަނަ ދުވަހު ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާނެކަންވެސް އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *