ހަމަ ސާފުކުރީ އެ ހަޑިކޮށްލީ! ފިޔަވަޅު އެޅުން ލަސްވެއްޖެ

މިދިޔަ ދެ ހަފުތާ އެއްކޮށްހެން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތައް ކައިރި ފެނުނީ ކުނިން ފުރާލާފައި އޮއްވަ އެވެ. އެހެންވެ، އެކަމާ ގުޅޭ ޝަކުވާތައް ގިނަވެ، އެފްޑީސީއިން މިދިޔަ ހޮނިހިރު ދުވަހު އެތަން ސާފުކުރި އެވެ. އެކަމަކު ދެތިން ދުވަސް ނުވެ، އަނެއްކާވެސް އެތަން ވަނީ މުޑުދާރުކޮށްލާފަ އެވެ.

އެފްޑީސީގެ ފަހި ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަދި މިވީ ދެތިން މަހެވެ. ރޯދައާ ދިމާކޮށް، ގިނަ ބަޔަކު އާ އެޕާޓްމެންޓުތަކުގައި ދިރިއުޅެން ބޭނުންވެ، އެތަނަށް އަންނަނީ ބަދަލުވަމުންނެވެ. އާ ގެއަށް ބޭނުންވާ ސާމާނުތައް އަޅާފައި ހުރި އެކި ވަރުގެ ހުސް ފޮށިގަނޑުތަކާއި ބޭނުން ނުވާނެހެން ހީވާ ފަރުނީޗަރުތައް ބަހައްޓަނީ ބޭރުގަ އެވެ. އެހެންވެ، ގިނަ އަދަދެއްގެ ކުންޏާއެކު އެ ހިސާބުގަނޑުގައި ފައި އަޅާލަން ނުކެރޭ ވަރަށް ކުނިތައް ވަނީ ގިނަ ވެފަ އެވެ.

އެފްޑީސީގެ ފްލެޓްތައް ކައިރި ކުނިން ފުރާލާފައި

"މިއީ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް،" އުކާލާފައިވާ ކުނިތަކުގެ ފޮޓޯތަކަކާ އެކު، އެކްސްގައި ލިޔުއްވަމުން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ރޭ ވިދާޅުވި އެވެ.

"ތިމާ ދިރިއުޅޭ މާހައުލަށް މި ގޮތަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއް."

އެ މަންޒަރުތައް ފެންނަ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކުންޏެވެ. ފުޅިމަދުތަކާއި ކަރުދާސް ފޮށިތައް ސީދާ އުކާލާފައި ހުންނަނީ ދޮރުމައްޗަށެވެ. ކުނިތަކާ ހެދި، ބައެއް މީހުން ފްލެޓުން ނުނިކުމެވިގެން އުޅޭ ތަން ވެސް ފެނެ އެެވެ.

މި ކުނިތައް ނައްތާލުމަކީ ވެރިފަރާތުގެ ޒިންމާ އެކެވެ.

އެކަން ހަނދާންކޮށްދެއްވަމުން ހަމްދާން ވިދާޅުވީ، އެފްޑީސީއިން ކުނިތައް ނައްތާލިކަމުގައި ވިޔަސް، އެގްރީމެންޓުގައިވާ ގޮތާ ހިލާފަށް ކުނި އަޅާކަމުގައި ވާނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ގަވައިދާ އެއްގޮތަށް 'ބަލްކް ވޭސްޓް' ނައްތާލާ މީހުންނަށް ޝުކުރު އަދާކުރަމުން ހަމްދާން ވިދާޅުވީ، އެތަނުގައި ދިރިއުޅޭ މީހުންނަށް، އަމާން އަދި ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *