މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި މަހު މުދަލުގ ޒަކާތުގެ ގޮތުގައި 6،055،515 ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 924 ޑޮލަރުވެސް ހިމެނެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މި އަހަރުގެ ޖެނުއަރީ މަހު އިތުރުވެފަ އެވެ.
ފާއިތުވި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 5،321،081 ރުފިޔާ އެވެ.
ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެ އެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.
މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.


