ކެމްޕެއިން ކުރުމުގައި އެކަކު އަނެކަކަށް ފުރައްސާރަކުރުމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ އިރު ވެސް އެކަކު އަނެކަމަށް ބަދު ބަސް ބުނުމާއި ފުރައްސާރަކުރުމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފި އެވެ.

ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން އިންތިޒާމުކޮށްގެން ރޭ ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވަނީ ފެށިގެން މިދިޔަ ބަރަކާތްތެރި ރަމަޟާން މަހާއި އެކު އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަޅުކަމާ އެއްވަރަށް ތިމާއާ ހަވާލުވެފައިވާ ޒިންމާތައް އަދާކުރަން ހާއްސަ އިސްކަމެއް ދޭންޖެހޭނެކަން ވެސް އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރަމަޟާން މަސް ބައްދަލުކޮށްފައިވާ ދަނޑިވަޅަކީ އިންތިހާބަކަށް މުޅި ރާއްޖެ ތައްޔާރުވެ، ކެމްޕެއިން ކުރަމުން ދާ ވަގުތެއް ކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ސާޖިދާ ވަނީ ކެމްޕެއިން ކުރުމުގެ ތެރެއިން އެކަކު އަނެކަކަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

"މި ފަދަ މައްސަރަކާ ކުރިމަތިލާއިރު އަދި އަޅުގަނޑުމެންނާ އިލެކްޝަނެއް ކުރިމަތިވެފައިވާއިރު އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަކުރުމުން ރައްކާތެރިވަމާ ހިނގާށޭ. މިއީ ވެސް ކުރެވޭ އަޅުކަމެކޭ. މިކަންކަން ވެސް އަޅުކަމެއްގެ ގޮތުގައި ބަލަމާ ހިނގާށޭ. އަޅުގަނޑުމެން މީހުންނާ މުއާމަލާތުކުރާއިރު އަދަބު އިހުތިރާމު އަދާކުރުމަކީ ދީނީ ގޮތުން ވަރަށް މުހިންމު ކަންކަން. " – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ރަމަޟާން މަހާއެކު ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ވާންވީ އެހެން މީހުންނަށް އިހުތިރާމު ކުރާ އަދި އެހެން މީހުންނަށް ފުރައްސާރަ ނުކުރާ ބަޔަކަށް ވުމަށް ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ ކުރިއަށް އޮތް ކެމްޕެއިނުގެ ހަރަކާތްތައް ވެސް އިސްލާމީ ހަމަތަކާއި ރިވެތި އުސޫލުތަކުގެ މަތިން ގެންގޮސް ކާމިޔާބު ކުރުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *