ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފި

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި ޕްރޮޖެކްޓަށް ހުޅުވާލާފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށް ކަމަށް ސައްވީސް އޮންލައިނުން ރިޕޯޓްކޮށްފައިވެއެވެ.

ހައުސިންގް މިނިސްޓްރީން ބުނީ، މިއީ އެކި ފަންތިއަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެދަށުން ކުރިއަށް ގެންދިއުމަށް ނިންމާފަވާ މަޝްރޫޢުއެއް ކަމަށެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢު ކުރިއަށް ގެންދާނީ ”އެފޯޑަބަލް ހޯމް އޯނަޝިޕް“ މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީއެކެވެ.

ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ ފަންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އެ މިނިސްޓްރީން ބުނީ، ދިވެހި ކުންފުނިތަކަށް މި ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *