އީރާން ދޫކޮށްލައި، ރާއްޖެއިން ނެގީ އަރަބި ގައުމުތަކުގެ މަސްލަހަތު، އެކަން އެންގުމަށް ގައުމުތަކަށް ގެންދަނީ ގުޅަމުން

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތާއީދު އޮތީ އަރަބި ގައުމުތަކާ އެކުގައިކަން ހާމަކުރަން އެ ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅުއްވައި، އެ ގައުމުތަކަށް ރާއްޖޭގެ ސަޕޯޓް އޮތް ކަން ހާމަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ޔޫއޭއީގެ ރައީސްއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއަދު ސައުދި އަރަބިއްޔާ، ބަހުރެއިން، އޮމާން އަދި ގަތަރުގެ ވެރިންނާ ފޯނު ކޯލު ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާއި އަދި މީހުން ވެސް މަރުވަމުންދޭ އެބަ، އެކަމުގައި ދިވެހި ރައްޔިތުން އެ ބޭފުޅުންނާ އެކުގައި ތިބި ކަން ދަންނަވާފައިވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެމެރިކާ، އިޒްރޭލް އަދި އީރާނުން ދެމުންދާ ހަމަލާތައް ވެސް ކުށްވެރިކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ އެމެރިކާއިން ބޭނުންވާއިރަށް ގައުމުތަކަށް ހަމަލާދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާ އަވަހާރަވުމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ހަނގުރާމާގައި ކޮންމެ މުސްލިމަކު މަރުވިޔަސް އެއީ ހިތާމައެއް ކަމަށެވެ.

ޚާމަނާއާ އަވަހާރަވުމާ މެދު ސީދާ ގޮތުން އެއްޗެއް ވިދާޅުނުވެ، ރައީސް ވިދާޅުވީ އެކަމުގައި ރާއްޖެ އޮންނާނީ އަރަބި އިސްލާމިކް ގައުމުތަކާ އެއް ސްޓޭންޑެއްގައި ކަމަށެވެ.

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ގެންދަނީ އަވަށްޓެރި އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ މިސައިލް ހަމަލާތައް ދެމުންނެވެ.

އެގޮތުން ޔޫއޭއީ، ބަހްރުއިން، ސައުދި އަރަބިއްޔާ، ގަތަރު އަދި އޮމާންއަށް އީރާނުގެ ހަމަލާތައް އަމާޒުވެ ގެއްލުންތައްވެފައިވެ އެވެ. ހަމަލާތަކާ ގުޅިގެން އެ ގައުމުތަކުން ވައިގެ ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޔޫއޭއީން ބުނެފައިވާ ގޮތުގައި، އިއްޔެ އެކަނިވެސް އީރާނުން ވަނީ 130 އަށް ވުރެ ގިނަ މިސައިލާއި 200 އަށް ވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލާފަ އެވެ. އެ ހަމަލާތަކުގައި ދުބާއީގެ ބައެއް ހޮޓާތަކާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. ގަތަރުން ބުނީ، އީރާނުން މިހާތަނަށް 65 މިސައިލާއި 12 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.

އެމެރިކާގެ ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު 200 އަށް ވުރެ މަތިވެފައި ވާއިރު އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާ އާއި އެގައުމުގެ އިސް 48  ބޭފުޅަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *