އެމެރިކާއަކީ އިސްލާމީ އުއްމަތުގެ 3 ގައުމުގެ ވެރިންގެ "ގާތިލް" އެވެ.
އެއީ އިރާޤު، ލީބިޔާ އަދި އީރާންއެވެ. މި ތިންގައުމުގެ ތެރެއިން އީރާންގެ ރޫޙާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުން ފެނިގެންދިޔަ މަންޒަރު އަނެއް ދެ ގައުމާ ތަފާތެވެ.
އިރާޤުގެ ރައީސް ސައްދާމު ޙުސެއިން ދަންޖައްސައި އަވަހާރަކޮށްލުމުން އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް މަގުމައްޗަށް ނިކުމެ އުފާ ފާޅު ކުރިތަން ފެނުނެވެ. ސައްދާމުގެ ވެއްޓުމާއެކު ގައުމު ރޫޅި ފުނޑުފުނޑުވީއެވެ.
ލީބިޔާގެ ލީޑަރ، މުއައްމަރުލް ޤައްޒާފީ ވަރަށް އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލީ އެމެރިކާގެ މަދަދު ލިބުނު ލީބިޔާގެ ރައްޔިތުންގެ ތެރެއިން ބައެކެވެ. ޤައްޒާފީގެ އަވަހާރަވުންވެސް ލީބިޔާގެ ގިނަ ބަޔަކަށް ހިތްހަމަޖެހުމަކަށްވެ އުފާފާޅު ކުރިއެވެ. ޤައްޒާފީގެ ވެރިކަން ނިމުމުން ލީބިޔާވެސް އިރާޤު ފުނޑުފުނޑުވި ބީދައިން ބަލިކަށިވެ ނިމިދިޔައީއެވެ.
ސައްދާމްއާއި ގައްޒާފީ އަވަހާރަކޮށްލުމުން އެމެރިކާއަކަށްވެސް އަދި އިޒްރާއީލަކަށްވެސް ކުރިމަތިވި ޕްރެޝަރެއް ނެތެވެ. ގާތިލުންނަށް ލިބުނީ ސުއްނީ ބައެއްމުސްލިމް ގައުމުތަކުގެ ވެރިންގެ ތައުރީފާއި ސަނާއެވެ. އަދި އެ ދެބޭފުޅުން އަވަހާރަކޮށްލުމަށް އެމެރިކާއިން ހިންގި ބިލިޔަން ޑޮލަރުގެ ބޮޑު އަސްކަރީ އޮޕަރޭޝަނަށް މުއްސަނދި އަރަބި ގައުމުތަކުން ފައިސާގެ ބަދަލުވެސް ދިންކަމުގައި މީޑިއާގެ ވަސީލަތްތަކުގައި އެދުވަސްވަރު ލިޔެފައިވާތީ ފެނުނެވެ.
އީރާން ތަފާތެވެ….! އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އީރާންގެ ގިނަ ރައްޔިތުންނަށް ލިބުނީ ހިތާމައެވެ. އުފާފާޅު ކުރުމެއް ނެތެވެ. މަގުތަކަށް ނިކުތީ ކަރުނައިން ފޯވެފައިވާ ލޯތަކަކާއި ގެންނެވެ. ގައުމުގެ ހިންގުމުގެ އޮނިގަނޑު ބަރާބަރަށް މަސައްކަތް އެބަކުރެއެވެ. ލީޑަރޝިޕް ރުކުރުވާލިގޮތް އަވަސްވެފައި ވިސްނުންތެރިއެވެ.
އީރާންގެ ރޫޙާނީ ލީޑަރ، ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލި ކަމުގެ ހިތިބޭސް އިޒްރާއީލާއި އެމެރިކާއިން މިހާރު އެދަނީ ބޮމުންނެވެ.
ހުޅަނގުގެ ބާރުތަކުގެ އުދުވާނުގެ ކުރިމަތީގައި އީރާންވެސް ބަލިވެދާނެއެވެ. އެކަމަކު އީރާނުގެ ރައްޔިތުންނަކީ އެތައްހާސް އަހަރެއްވީ އިލްމީ ހަޟާރަތެއް އޮތް ބައެކެވެ. އަދި ހަނގުރާމަތަކާއި އިސްތިޢުމާރުގެ އަޅުވެތިކަންވެސް ތަޖުރިބާކޮށްފައިވާ ބައެކެވެ.
– އަހުމަދު ސައީދުގެ ފޭސްބުކް ޕޭޖުން


